ގއ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
- އަނގާރަ, 10 ޖުލައި 2012

ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތްކުރަން ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު 20 ޖޫން 2012 ގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ބާއްވާފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަރުޙޫމް މުޙައްމަދެވެ. މިމަސައްކަތުގެ ވެރިފަރާތް ކަމުގައިވާ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޯޓު އެޑްމިނިސްޓްރޭޓަރ އަމްޖަދު ރަޝާދެވެ.
ގއ. ނިލަންދޫގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ މަސައްކަތުގެ ޖުމްލަ އަގަކީ 1,213,381.61 (އެއްމިލިއަށް ދެލައްކަ ތޭރަހާސް ތިންސަތޭކަ އަށްޑިހަ އެއްރުފިޔާ ފަސްދޮޅަސް އެއްލާރި) އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 90 ދުވަހެވެ


