ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު ސުޕްރީމް ކޯޓުން ޢާންމުކޮށްފި
- ބުރާސްފަތި, 07 ޖޫން 2012
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު ސުޕްރީމް ކޯޓުން ޢާންމުކޮށްފިއެވެ. މި ޖޫންމަހުގެ ތިންވަނަ ދުވަހު ޢަމަލުކުރަންފެށި މި ޤަވައިދަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާއި ޤާނޫނީ ވަކީލުން ތަބާވާންޖެހޭ ސުލޫކު ކަނޑައަޅާ ޤަވާއިދެވެ.
މި ޤަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތުކުރެވޭނީ މި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިންކަމުގައި މި ޤަވާޢިދުގެ 2.1 ގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން މި ޤަވާޢިދުގެ 2.3 ގައި މި ޤަވާޢިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުން، މި ޤަވާޢިދުގެ ޖަދުވަލް 1 ގައިވާ އިޤްރާރުގައިވާ ކަންކަމުގެ މައްޗަށް އިޤްރާރުވާންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. މި އިޤްރާރުގައި ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހަޅާއިރު އެ ޤާނޫނީ ވަކީލެއްގެ އައި.ޑީ ކާޑުގެ ކޮޕީގެ އިތުރުން ވަކާލާތުކުރުމުގެ ހުއްދައިގެ އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދީފައިވާ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ.
ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި މި ޤަވާޢިދުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޝަރީޢަތުގެ މަޖްލިސްތަކުގެ އިޖްރާއާތުތަކާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން، ޤަޟިއްޔާއަކާ ގުޅިގެން ކޯޓުންކުރާ ކޮންމެ އަމުރަކަށް ޝަރީޢަތުގެ މިޖިލީހުން ބޭރުގައިވެސް ކިޔަމަންވަން ވާނެކަން ބަޔާންކޮށްފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި އަލަށް ވަކާލާތުކުރަންފަށާ ޤާނޫނީ ވަކީލުން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމަށްޓަކައި ޖުޑީޝަރީގެ ފަރާތުން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމާއި އަދި މި ނޫންވެސް ޖުޑީޝަރީގެ ފަރާތުން ޤާނޫނީ ވަކީލުންގެ ޢިލްމީ ފެންވަރު އިތުރުކުރުމަށްޓަކައި ބާއްވާ ސެމިނަރފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާންވާނެކަމަށްވެސް މި ޤަވާޢިދުގައި ބަޔާންކޮށްފައި ވެއެވެ.
ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުން ކޮށްގެންނުވާނެކަމަށް މި ޤަވާޢިދުގެ 3.2 ގައި ވަކި ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ. މި ކަންކަމުގެ ތެރޭގައި، ކޯޓުތަކާއި އެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަގޮތަކަށް ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވެސް އެއްވެސް ވަކީލަކު ޢަމަލުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މިޤަވާޢިދުގައި މުވައްކިލާ މެދު ވަކީލު ބަހައްޓަންޖެހޭ ސުލޫކީ މިންގަނޑުވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން އެއްވެސް ވަކީލަކު، އޭނާ ވަކާލާތުކުރަމުންދާ މައްސަލައެއްގައި ސަބަބު ބަޔާންކޮށް އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ލިޔުމުން ނުދީ، އެމައްސަލައެއްގައި ވަކާލާތުކުރުމުން ތަނާޒުލުވެގެން ( މައްސަލ ދޫކޮށްލައިގެން ) ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް ވަކީލަކު އޭނާއާ އެއްވެސް ގުޅުމެއް ނުވަތަ އެ މައްސަލައިގައި ހިމެނޭ ބަޔަކާމެދު އެއްވެސް ހިތްހަމަނުޖެހުމެއްއޮތް މައްސަލައެއްގައި، ވަކާލާތުކުރާނަމަ އެކަން އޭނާގެ މުވައްކިލަށް ސާފުކޮށް އަންގަންވާނެކަމާއި، ޝަރީއަތުގެ މަޖިލީހުން އަންގާ އެންގުމަކަށް ފިޔަވައި އެއްވެސް ޙާލެއްގައި މުވައްކިލުގެ ސިއްރު ހާމަކޮށްގެން ނުވާނެކަމަށް މި ޤަވާޢިދުގައި ބުނެފައި ވެއެވެ.
ވަކީލުން ފީ ނެގުމުގައި ޢަމަލުކުރާގެ ގޮތުގެ އުސޫލުތަކެއްވެސް މި ޤަވާޢިދުގައި ވަނީ ކަނޑައަޅާފައި ވެއެވެ. ވަކީލާއި މުވައްކިލާ ދެމެދުގައިވެވޭ ފީގެ އެއްބަސްވުމެއް އޮންނަންވާނެކަމާއި މި އެއްބަސްވުން އޮންނަންވާނީ، ވަކީލުގެ މަސައްކަތްފެށުމުގެ ކުރިން ލިޔެވި، ދެފަރާތުން ސޮއިކޮށްފައިކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އެއްވެސް ވަކީލަކު އޭނާ ދައްކަންޖެހޭ ދަރަންޏެއް، އޭނާ ވަކާލާތުކޮށްގެން ލިބޭ ފައިސާގެ ބަދަލުގައި ހަމަޖައްސައިގެން ނުވާނެކަމަށްވެސް ފީނެގުމުގައި ޢަމަލުކުރަންވީގޮތުގެ އުސޫލުގައި ބުނެފައިވެއެވެ.
މި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތްތަކާއި އަޅާނޭ ފިޔަވަޅުތައް މި ޤަވާޢިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ޤަވާޢިދާ ޚިލާފުވީ ފަރާތުގެ ޢަމަލުގެ ކުޑަބޮޑުމިނަށްބަލައި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ދާއިމީގޮތެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުމުގެ ބާރު ސުޕްރީމްކޯޓަށް ލިބިގެންވާކަމަށް މި މާއްދާގައި ބުނެފައިވެއެވެ.


