މެޖިސްޓްރޭޓުންނަށް ހިންގާ ޝަރީޢަތާއި ޤާނޫނުގެ ޑިގްރީކޯސް ފަށައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން މެޖިސްޓްރޭޓުންނަށް އަމާޒުކުރައްވައިގެން ހިންގަވާ ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯސް 26 އޭޕްރިލް 2012 ގައި ފެށިފައިވާކަމަށް ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވައިފިއެވެ.

މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޚާއްޞަކުރެވިފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން ހިންގެވި ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ ފުރަތަމަ ބުރު ފުރިހަމަ ކުރައްވާފައިވާ މެޖިސްޓްރޭޓުންނަށެވެ. އެ ކޯސް 26 މެޖިސްޓްރޭޓަކު ވަނީ ފުރިހަމަ ކުރައްވާފައެވެ.

މިމަހު ފަށާފައިވާ ޑިގްރީކޯހަކީވެސް ޑިޕްލޮމާއެކޭ އެއްފަދައިން ބްލޮކް މޯޑަށް ހިންގޭ ކޯހެކެވެ. ކޯހުގެ ފުރަތަމަ ބްލޮކްގެ ކިޔެވުން 30 ޖޫން 2012 ގައި ނިމޭނެއެވެ.

މީގެ އިތުރުން ކުއްލިއްޔާގައި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ޝާރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ 2 ވަނަ ބެޗެއްގެ ކިޔެވުންވެސް ކުރިޔަށްދާ ކަމަށް ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވައެވެ. މިބެޗުގެ ވެސް ދެ ބްލޮކުގެ ކިޔެވުން މިހާރު ވަނީ ނިމިފައެވެ.

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެންވެސް މެޖިސްޓްރޭޓުންނަށް ޚާއްޞަކުރެވިފައިވަ ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހެއް ހިންގިފައިވެއެވެ. އަދި ފެކަލްޓީއާ ގުޅިގެން ހިންގޭ ޑިގްރީ ކޯހެއްގެ ކިޔެވުންވެސް ވަރަށް އަވަހަށް ފެށޭނެއެވެ.

މެޖިސްޓްރޭޓުންނަށް ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމަށް ޤާނޫނު ލާޒިމުނުކުރި ނަމަވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިސްނަގައިގެން މެޖިސްޓްރޭޓުންގެ ފެންވަރު ރަގަޅުކޮށް އެބޭފުޅުންނަކީ ޤާބިލު ތަޢުލީމީ ބޭފުޅުންނަށް ހެދުމުގެ މަޤުޞަދުގައި ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމުގެ މަސައްކަތް ވަނީފަށާފައެވެ. މިހާތަނަށް ކުއްލިޔާއިންނާއި ފެކަލްޓީން 46 މެޖިސްޓޭޓުން ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯސް ފުރިހަމަކުރައްވާފައިވެއެވެ.