ޖުޑީޝަރީގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، "އޮފީސް ދިވެހި" މި ނަމުގައި، ދިވެހި ބަހުގެ ހުނަރުތައް ތަރައްޤީ ކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ކޯހެއް ފަށައިފިއެވެ. މި ކޯސް އިންތިޒާމު ކުރައްވައި ކުރިޔަށް ގެންދަވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

6 މެއި 2012 ވީ އާދީއްތަ ދުވަހު ފެށުނު މި ކޯހުގެ ސެޝަންތައް ކުރިޔަށް ދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރެއިނިންގ ރޫމުގައެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ކުރިޔަށް ގެންދާ މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ދިވެހި ބަހުގައި ސުކުން ކުރެވޭ ގޮތް، ދިވެހި ބަހުގެ ލިޔެކިޔުމުގެ ބަހުރުވަ، ދިވެހި ބަހުން ޢިބާރާތް ކުރުން، އަދި ވާހަކަދެއްކުމުގެ ފަންނު ހިމެނެއެވެ.

"އޮފީސް ދިވެހި" މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށާއި، އަދި ޑިޕާޓްމަންތް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުއައްޒަފުންނަށް ވަނީ ހުޅުވާލެވިފައެވެ. ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކުރިޔަށްދާ ސެޝަނުގައި 22 މުއައްޒަފުން ބައިވެރިވެއެވެ. ކޯހުގެ މުއްދަތަކީ 3 ހަފުތާއެވެ.

"އޮފީސް ދިވެހި" މި ކޯހުގައި ބައިވެރީންނަށް އިރުޝާދު ދެއްވަނީ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނެވެ. މި ދެބޭފުޅުންނަކީ ދިވެހި ބަހުގެ އުސްތާޒުންގެ ގޮތުގައި ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ.