މޯލްޑިވްސް އީކޯޓް މެނޭޖްމެންޓް ސިސްޓަމް (މެމްސް)

ޝަރްޢީދާއިރާގެ މަސައްކަތްތައް ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ކުރުމަށް ފާއިތުވި މުއްދަތުގައި ވަރަށްގިނަ މަސައްކަތްތަކެއް

ކުރެވިފައިވެއެވެ. މިގޮތުން ހިންގުނު ގިނަ މަސައްކަތްތައް ދިމާވި އެކި ހުރަސްތަކުގެ ސަބުން ކުރިއަށް ނުގެންދެވި ދިއުމަށް

ފަހު، އާ މަޝްރޫޢެއް ހިންގުމަށް ތައްޔާރުކުރެވުނީ 2006ވަނަ އަހަރުގެ ތެރޭގައެވެ. މުޅި މަޝްރޫޢުން ޙާޞިލުކުރަން ބޭނުންވި

އެންމެ މުހިންމު ލަނޑުދަޑިއަކީ ޝަރްޢީދާއިރާއަކީ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބަރޯސާވެފައިވާ އަދި ކަރުދާހާ ނުލާ މަސައްކަތްކުރާ،

ރައްޔިތުންނަށް ހަލުއިކަމާއެކު ޚިދުމަތްދޭ ދާއިރާއެއްގެ ގޮތުގައި ޝަރްޢީ ދާއިރާ ވެގެން ދިއުމެވެ.

މެމްސްގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ކޯޓްމޮޑިއުލް، އެމްޕްލޯއީސް އިންފޮރމޭޝަން ސިސްޓަމް

(އީ.އައި.އެސް)، އިންވެންޓްރީ ސްޓޮކް އެންޑް ޕްރޮކިއުމަންޓް އަދި މެއިލް މެނޭޖްމަންޓްއެވެ.

ކޯޓް މޮޑިއުލްގެ މައިގަނޑު ބައިތަކަކީ:

- މައްސަލަތައް ހިންގުމުގެ ނިޒާމް ކޮމްޕިއުޓަރައިޒް ވެގެންދާއިރު އޭގެތެރޭގައި ހިމެނޭނީ މައްސަލަ ހުށަހަޅާ ފޯމްތައް ކޯޓަށް

ބަލައިގަތުމަށް ފަހު ފޯމް އެޕްރޫވް ކުރުމާއި މައްސަލަ ހުށަހެޅުމުގެ ފީގެ ފައިސާ ބަލައިގަތުމާއި ފަނޑިޔާރުންނާ މައްސަލަ

ޙަވާލުކުރުމާއި މައްސަލަ ތާވަލް ކުރުމާއި ޗިޓު ހެދުމާއި މައްސަލައަށް ޙާޒިރުވާ މީހާއަށް ޗިޓު ރައްދުވިކަން ދެނެގަތުމާއި

މައްސަލައަށް ކޯޓަށް ކިޔާފައިވާ ފަރާތްތައް ކޯޓަށް ޙާޒިރުވިކަން ދެނެގަތުމާއި މައްސަލައިގެ އަޑުއެހުންތައް ރެކޯޑުކޮށް އިއްވޭ

ނިޔާތައް ރެކޯޑު ކުރުމެވެ.

- ބަލަމުންދާ މައްސަލައެއް ފަނޑިޔާރު ޗުއްޓީ ނެންގެވުމާ ގުޅިގެން ނުވަތަ އެހެން ސަބަބަކާހުރެ އެހެން ފަނޑިޔާރުންނަށް

އިސްޤާޟީގެ ނިންމެވުމެއްގެ ދަށުން މައްސަލަ ހަވާލު ކުރެވޭނެގޮތްވަނީ އިންތިޒާމް ކުރެވިފައެވެ.

- ސެކްޝަންގައި ނުނިމިހުރި މައްސަލަތަކުގެ ލިސްޓާއި މުޅިކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ލިސްޓާއި ދުވަހު ބާއްވާ

މައްސަލަތަކުގެ ޢަދަދުފަދަ މަޢުލޫމާތު ފަސޭހަކަމާއެކު ސިސްޓަމުން ބަލާލެވޭނެއެވެ.

-ޕޯސްޓް ޖަޖްމަންޓް އެކްޝަންގެ ގޮތުގައި ހިމެނިގެން ދާނީ މައްސަލައިގެ ޙުކުމް އިއްވުމަށްފަހު ތަންފީޒު ޗިޓާއި ސާބިތު

ދަރަނީގެ ޗިޓާއި، ސާބިތު ޚަރަދުގެ ޗިޓު ސިސްޓަމްގެ ތެރެއިން ހެދުމާއި ކުށުގެ ރެކޯޑު ސިސްޓަމްގެ ތެރެއިން އަޕްޑޭޓް

ވަމުންދިއުމެވެ.

- ދަރަންޏާއި ޚަރަދުގެ ރެކޯޑުގެ ގޮތުގައި ކޮމްޕިއުޓަރައިޒް ވެގެންދާނީ ކޯޓަށް ބަލައިގަނެވޭ ޚަރަދާއި ދަރަނީގެ ރެކޯޑުތައް

ބެލެހެއްޓުމާއި ކޮންމެ ދަރަންޏަކުން ދެއްކޭ މިންވަރާއި ނުދެއްކި އޮތް ބާކީ ބެލެހެއްޓުމެވެ.

- ކޯޓު އަމުރުތައް ނެރުމުގެ މަސައްކަތުގެ ތެރެއިން ކޮމްޕިއުޓަރައިޒް ވެގެންދާނީ ކޯޓުން ނެރެންޖެހޭ އަމުރުތައް

ސިސްޓަމްގެ ތެރެއިން ޖަނަރޭޓް ކުރުމާއި އެތަކެތީގެ ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުމެވެ. މީގެ ތެރޭގައި ބަލާފާސް ކުރުމުގެ

އަމުރުތަކާއި، ތަޙްޤީޤަށް މީހުން ބަންދުކުރުމާއި، ބަންދުން ދޫކޮށްލުމާއި، އެކައުންޓް ފްރީޒްކުރުމާއި، ޕާސްޕޯޓް ހިފެހެއްޓުން ފަދަ ހުރިހާ ކޯޓު އޯޑަރުތަކެއް ހިމެނެއެވެ.

- ކާވެންޏާއި ވަރީގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރުމުގައި ހިމެނެނީ ކާވެނީގެ ފޯމާއި ވަރީގެ ފޯމް ބަލައިގަތުމާއި

ކާވެންޏާއި ވަރީގެ ދަފްތަރު (ރެޖިސްޓްރީ) ބެލެހެއްޓުމާއި ކާވެންޏާއި ވަރީގެ ސެޓްފިކެޓް ތައްޔާރު ކުރުމާއި ކާވެންޏާއި

ވަރީގެ އެންމެހާ ރެކޯޑުތައް ބެލެހެއްޓުމެވެ.

- ދުވަސްވީ ޝަރްޢީ ލިއުން ނުވަތަ އާކާއިވް ބެލެހެއްޓުމުގެ މަސައްކަތުގައި ހިމެނިފައިވަނީ ދުވަސްވީ ކުރީގެ

މައްސަލަތަކާބެހޭ ލިއުންތަކާއި، ކާވެންޏާއި ވަރީގެ މަޢުލޫމާތު ބޭނުންވުމުން ފަސޭހައިން ހޯދޭގޮތަށް ކޯޓުތަކުން ހުއްދަ

ލިބިފައިވާ ފަރާތްތަކަށް އިތުރު ނޯޓެއް ނުފޮނުވާ ވަގުތުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

- އީ-ފައިލިންގ ގެތެރޭގައި ހިމެނިގެންދާނީ ލޯފާމްތަކުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި އެޓަރނީޖެނެރަލް (އޭޖީ)

އޮފީހުން އިލެކްޓްރޯނިކްކޮށް ފޮނުވާ މައްސަލަ ފޯމްތައް ކޯޓުން ބަލައިގަތުމާއެކު އެންޓްރީ ޕްރޮސެސްގެ ތެރެއަށް ވަދެގެން

ދިއުމެވެ.

- ލޯޔަރުންގެ ރެޖިސްޓްރީ ބެލެހެއްޓުމުގެ ތެރޭގައި ހިމެނިގެންދާނީ ރާއްޖޭގެ ޝަރްޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ

ލިބިފައިތިބި ވަކީލުންގެ މަޢުލޫމާތު އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓެމުން ދިއުމާއެކު ހުރިހާ ކޯޓުތަކަށް ލޯޔަރުންގެ

ރެޖިސްޓްރީއަށް އެކްސެސް ވަމުން ދިއުމެވެ.

އެމްޕްލޯއީ އިންފޮރމޭޝަން ސިސްޓަމް (އީއައިއެސް)ގައި ހިނެނޭ މައިގަނޑު ބައިތަކަކީ:

- އީއައިއެސްއަކީ މުވައްޒަފުންގެ ހުރިހާ ރެކޯޑުތައް ބެލެހެއްޓުމަށްޓަކައި ތައްޔާރު ކުރެވިފައިވާ މޮޑިއުލްއެކެވެ. މި މޮޑިއުލްގެ

އެހީގައި މުޅި ޝަރްޢީދާއިރާގެ މުވައްޒަފުންގެ ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓޭނެއެވެ.

- މުވައްޒަފުންގެ ޙާޟިރީއާއި ސަލާމާއި ޗުއްޓީގެ ހުރިހާ ރެކޯޑުތަކެއް އީއައިއެސް ގެ ތެރެއިން ބެލެހެއްޓިގެންދާނެއެވެ. އަދި

ޝަރްޢީދާއިރާއިން ވަޒީފާދެވޭ މީހުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރަންޖެހޭ މީހުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ

ބަދަލުކުރުންފަދަ ހުރިހާ ޗިޓުތަކެއް ސިސްޓަމްގެ ތެރެއިން ޖެނަރޭޓްކޮށް އެ މަޢުލޫމާތު ރެޖިސްޓްރީއަށް އަބަދުވެސް އަޕްޑޭޓް

ވަމުންދާނެއެވެ. އަދި މުވައްޒަފުންގެ ޢަދަދާއި ހުސް މަޤާމްތަކާއި ޢުމުރާއި މުވައްޒަފުން މަޤާމްގައި ހޭދަކުރި މުއްދަތާއި

އެމުވައްޒަފުން ތަމްރީނުކޮށް ފައިވާ ކޯސްތަކާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި ސޮފްޓްވެއަރގެ އެހީގައި ފަސޭހަކަމާއެކު

ބެލެހެއްޓޭނެއެވެ. އަދި ޗުއްޓީއަށް އެދުމާއި ޗުއްޓީ ދިނުމާއި ބަދަލުގައި މަސައްކަތް ޙަވާލުކުރުމަށް ސިސްޓަމްގެ ތެރެއިން

ޗިޓުތައް ހެދިގެން ދާނެއެވެ.

- މުވައްޒަފުންގެ މުސާރަ ޝީޓް ސިސްޓަމުން ޖެނެރޭޓް ކުރުމާއި ގަޑީލާރިއާއި އިތުރުގަޑި ހެދުމަކީވެސް އީއައިއެސްގައި

ހިމެނޭ މުހިންމުބައިތަކެވެ.

- ޓްރޭނިންގ މޮޑިއުލްގެ ގޮތުގައި އީއައިއެސްގެ ތެރެއިން ކަވަރުކުރެވޭނީ ޓްރޭނިން ރިކުއާމެންޓް ތައްޔާރުކޮށް ބެލެހެއްޓުމާއި

އެ ތަންފީޒުކުރެވޭ މިންވަރާއި ޓްރޭނިންދެވޭ މީހުންގެ މަޢުލޫމާތާއި ޓްރޭނިން ފުރިހަމަ ކުރަމުންދާ ފަރާތްތަކާބެހޭ ހުރިހާ

މަޢުލޫމާތެއް ބެލެހެއްޓުމެވެ.

އިންވެންޓްރީ ސްޓޮކް އަދި ޕްރޮކިއުމަންޓް

ތަކެތިހޯދާ ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް މެމްސްގެ ތެރެއިން ކޮމްޕިއުޓަރައިޒް ވެގެން ދާނެއެވެ. އެގޮތުން:

- އިންވެންޓްރީ ސްޓޮކް އަދި ޕްރޮކިއުމަންޓުގެ ތެރޭގައި ހިމެނިގެންދާނެ މުހިންމު ބައިތަކަކީ ސިސްޓަމްތެރެއިން ސުޓޮކުން

ބޭނުންވާ ތަކެއްޗަށް އެދުމާއި ސުޓޮކްބާކީ ބެލެހެއްޓިގެން ދިއުމެވެ.

- އިންވެޓްރީ މޮޑިއުލްގެ ތެރޭގައި ހިމެނެނީ މަރާމާތާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ ތަކެއްޗަށް އެދުމާއި ހުއްދަދިނުމާއި،

ރަށުކޯޓާއި ޑިޕާޓްމަންޓް އަދި ކޯޓުތަކުގެ އިންވެންޓްރީއާއި ސުޓޮކް ބެލެހެއްޓުމެވެ. އަދި ހޯދަންބޭނުންވާ ތަކެތީގެ އޯޑަރުފޯމް

ތައްޔާރުކުރުމާއި ކޯޓޭޝަން ހޯދާ ލިބިގަތުމާއި، ދޫނުކުރެވޭ ތަކެއްޗާއި، ކޮށްނުދެވޭ މަރާމާތުތަކުގެ ރެކޯޑު ސިސްޓަމްގެ

ތެރެއިން ބެލެހެއްޓުމެވެ.

މެއިލް މެނޭޖްމަންޓް

މެއިލް މެނޭޖްމަންޓުގެ ތެރެއިން އޮފީހަށް ލިބޭ އެންމެހާ ލިއުކިއުންތައް ބެލެހެއްޓުމުގެ ނިޒާމް ހަމަޖެހިގެންދާނެއެވެ.

މިގޮތުން:

- އޮފީހަށް ލިބޭ އެންމެހާ ލިއެކިއުންތައް ސިސްޓަމްގެ ތެރެއިން އެންޓްރީ ކުރުމާއި ސެކްޝަންތަކަށް ޙަވާލުކުރުމާއި

އެތަކެއްޗަށް ޖަވާބުދެވޭ ކަން މޮނިޓަރ ކުރުން ހިމެނެއެވެ.

- އޮފީހުގެ ފަރާތުން ބޭރަށް ފޮނުވަންޖެހޭ އެންމެހާ ލިއުންތަކުގައި ނަންބަރު ޖެހުން މެއިލް މެނޭޖްމަންޓުގެ ޑިސްޕެޗް ބައިން

ކުރެވޭނެއެވެ.

- މެމްސްސޮފްޓްވެއާރ ބޭނުންކުރާނީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތަކާއި ޝަރްޢީދާއިރާގެ

އެންމެހާ އޮފީސްތަކުންނެވެ.

- މަތީގައި ފާހަގަ ކުރެވުނު މަސައްކަތްތައް ކުރިއަށް ދާއިރު ކަމާގުޅޭ އެންމެހާ ޑޮކިއުމަންޓުތައް ސްކޭންކޮށް ސިސްޓަމްގެ

ތެރެއަށް އަޕްލޯޑް ކުރެވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

- ފާހަގަކުރެވުނު މައިގަނޑު ބައިތަކުގެ އިތުރުންވެސް މައްސަލަތަކާގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލެހެއްޓުމާއި، އޮފީހުގެ

އެންމެ އިސްވެރިޔާގެ ޝެޑިއުލްތައްޔާރު ކުރުމާއި އޮފީހުން އިންތިޒާމްކުރާ ބައްދަލުވުންތަކާބެހޭ ހުރިހާ މަސައްކަތްތަކެއް

ކުރުމާއި ފައިސާއާބެހޭ މަސައްކަތްތަކާބެހޭ ބައިތައްވެސް ހިމެނިފައިވާނެއެވެ.