ތައާރަފް
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭ ޝަނަކީ ޝަރުޢީ ދާއިރާގެ އެންމެހައި އިދާރީ ކަންތައްތައް ރާވާ ހިންގުމަށް ހަމަޖެހިފައިވާ ޑިޕާރޓްމަންޓެވެ. މި ޑިޕާރޓްމަންޓުން ކުރާ މައިގަނޑު މަސައްކަތްތަކަކީ:
އިދާރީ މުވައްޒަފުންނާ ބެހޭ ކަންތައްތައް:
ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ހުރިހާ ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ޢާއްމު އިދާރީ ކަންކަން އެ ކޯޓެއްގެ އެންމެ އިސް ފަނޑިޔާރެއްގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ފެންވަރު ބަލައި އިސްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.
ޖުޑީޝަލް ކައުންސިލަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޖުޑީޝަލް ކައުންސިލުން ކަނޑައަޅާ ޖުޑީޝަލް ޕޮލިސީތަކާއި އިޖްރާއާތު (ޕްރޮސީޖާރތައް) ތަންފީޒުކުރުން.
ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންނަށް ތަމްރީނުދީ އަހުލުވެރިކުރުން:
ފަނޑީޔާރުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، އެ ބޭފުޅުންގެ ޢިލްމީ އަދި ފަންނީ ފެންވަރު ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ލަފާފުޅުގެ މަތިން ކުރިއަށް ގެންދިއުން.
ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އެ މަޢުލޫމާތު ބެލެހެއްޓުން.
ކޯޓުތަކުގެ ކޮންސޮލިޑޭޓަޑް ބަޖެޓު ތައްޔާރު ކުރުމާއި ފައިސާއާބެހޭ ކަންތައްތައް:
ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކޮންސޮލިޑޭޓަޑް ބަޖެޓް ކޯޓުތަކުގެ މަޝްވަރާއާއި އެކު އެކުލަވާލާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުން.
ރާއްޖޭގެ ރަށުކޯޓުތަކުގެ ޚަރަދުތަކަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ހަމަޖެހިފައިވާ އުސޫލުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް އެކަމުގެ ރެކޯޑް ބެލެހެއްޓުން.
އަދި ކޯޓުތަކުގެ ފައިސާގެ ހިސާބުތަކުގެ އިންޓަރނަލް އޮޑިޓް ކުރުން.
ދުވަސްވީ ލިއުންތައް ރައްކާތެރިކޮށް ބެލެހެއްޓުން
ދުވަސްވީ ޝަރުޢީ ލިއުންތައް ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތަކަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން އެ ލިޔުންތައް ދޫކުރުން.
ޝަރުޢީ ދާއިރާއަށް ބޭނުންވާ ޢިމާރާތްތައް ހޯދުމާއި، ޢިމާރާތްތައް ބެލެހެއްޓުން:
ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ ޢިމާރާތްތައް ހޯދުމާއި، ޢިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅައި، ޢިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
އިންފޮމޭޝަން ޓެކްނޮލޮޖީއާއި މީޑިއާއާ ބެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުން
ޢަދުލު އިންސާފުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ފުރިހަމައަށް ބޭނުންކުރެވޭނޭގޮތް ހަމަޖެއްސުން
ޝަރުޢީ ދާއިރާއިން މީޑިއާއަށް ދޭން ބޭނުންވާ މަޢުލޫމާތު މީޑިއާއަށް ދިނުން.
ކޯޓުތަކަށް ޝަރުޢީ ވަފުދު ފޮނުވުމާ ބެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުން
ކޯޓުތަކަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމަށް ހަމަޖައްސަންޖެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުން.
ތާރީޚުގެ ތެރެއިން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އިދާރީ ކަންތައްތައް ހިންގާ އެންމެ ދުވަސްވީ މުވައްސަސާއެވެ.
މި ޑިޕާރޓްމަންޓުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަކީ މައިގަނޑުގޮތެއްގައި ކުރީގެ ޖަސްޓިސް މިނިސްޓްރީއިން ކުރި އިދާރީ މަސައްކަތްތަކެވެ. މިގޮތުން މި ޑިޕާރޓްމަންޓްގެ ތާރީޚަށް ނަޒަރު ހިންގާލާއިރު:
1932: ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްވެ ވުޒާރަތުލް ޙައްޤާނިއްޔާ އުފެއްދެވި. ފުރަތަމަ މިނިސްޓަރ އޮފް ޖަސްޓިސް ނުވަތަ ވަޒީރުލް ޙައްޤާނިއްޔާގެ ގޮތުގައި އައްޝައިޚް ޙުސައިން ޞަލާޙުއްދީން އިސްކުރެއްވި
1934: ވުޒާރަތުލް ޙައްޤާނިއްޔާ މަޙުކަމަތުއް ޝަރުޢިއްޔާއަށް ބަދަލުވި
1968: މަޙުކަމަތުއް ޝަރުޢިއްޔާ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ބަދަލުވި
2008: 7 އޯގަސްޓުގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަސްދީޤުކޮށް މިނިސްޓްރީ އޮފް ޖަސްޓިސް އުވާލެވުނު. އަދި ޖުޑީޝަލް އެޑްމިނިސްޓްރެޓިވް ސާރވިސަސް އުފެއްދެވި. އަދި 1 އޮކްޓޯބަރ 2008 ގައި ޖުޑީޝަލް ސާރވިސް ކޮމިޝަނުން ޖުޑީޝަލް އެޑްމިނިސްޓްރެޓިވް ސާރވިސަސް އުވާލައްވައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ.) އުފެއްދެވި. އަދި 2 ޑިސެމްބަރ ގައި ސުޕްރީމް ކޯޓުން ރޫލިން އެއް ނެރުއްވާ މި ޑިޕާރޓްމަންޓް ސުޕްރީމް ކޯޓުގެ ދަށަށް ގެންދެވި.


