14 ބުރީގެ ކޯޓު ކޮމްޕްލެކްސް ބިލްޑިންގ ކުރެހުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސުޕީރިއަރ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިމާރާތްކުރަން ހަމަޖެހިފައިވާ ސާދަ ބުރީގެ ކޯޓު ކޮމްޕްލެކްސް ބިލްޑިންގ ކުރެހުމުގެ މަސައްކަތް ރިޔާން ޕްރައިވެޓް ލިމިޓެޑާޙަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ 12 މާރޗް 2013 ވޫ އަންގާރަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ.
ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އައްޝޭޙް އިބްރާހިމް ވަޙީދު ޢަލީއެވެ. ރިޔާން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ހަމީޒެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ އަގަކީ 477,000.00 (ހަތަރު ލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަކީ 62 (ފަސްދޮޅަސް ދޭއް)  ދުވަހެވެ.
މިއިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އެސް.ޓީ.އޯ 378 ނަންބަރު ކޮށީގައެވެ.

މެނޭޖްމަންޓް ސްކިލްސް- "މަސައްކަތާއި މުވައްޒަފުން، ސުޕަވައިޒަރުންގެ ދައުރު" މިނަމުގައި ވޯކްޝޮޕެއް ފަށައިފި

 

ޝަރުއީ ދާއިރާގައި އިދާރީގޮތުން މަސައްކަތްކުރައްވާ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި "މަސައްކަތާއި މުވައްޒަފުން، ސުޕަވައިޒަރުންގެ ދައުރު" މިނަމުގައި ދެ ދުވަހުގެ ވޯކްޝޮޕެއް ފެށިގެން ކުރިޔަށްއެބަދެއެވެ.

ޑިޕާޓްމަންޓްގެ ޓްރޭނިންގ ސެކްޝަނާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިޔަށް ގެންދާ މިވޯކްޝޮޕްގެ މަގްސަދަކީ ސުޕަވައިޒަރުންގެ ހައިސިއްޔަތުން ހަރަކާތްތެރިވާ ވެރިން ފެންވަރުގެ މުވައްޒަފުންގެ ހިންގުމާއި އިސްނެގުމުގެ ހުނަރު ތަރައްޤީކުރުމެވެ.

26 ފެބްރުއަރީ 2013 އިން 27 ފެބްރުއަރީ 2013 ގެނިޔަލަށް ކުރިޔަށްގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ކުރިޔަށްދަނީ ޑިޕާޓްމަންޓުގެ ޓްރޭނިންގ ރޫމްގައެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ރައީސް އޮފީހުގެ އޮފިޝަލުންނެވެ.
ކޮންމެ ދުވަހެއްގެ 13:00 އިން 16:00 އަށް ކުރިޔަށްދާ މިވޯކްޝޮޕްގައި ވީޑިއޯ ކޮންފަރެންސް ޒަރިއްޔާއިން 10 އަތޮޅެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ބައިވެރިވެއެވެ.

"ވާރކްޝޮޕް އޮން ކެޕިޓަލް މާރކެޓް އެންޑް ޕެންޝަން" މިނަމުގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްބާއްވައިފި

 

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި "ވާރކްޝޮޕް އޮން ކެޕިޓަލް މާރކެޓް އެންޑް ޕެންޝަން" މިނަމުގައި އެއްދުވަހުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓްގެ ޓްރޭނިންގ ސެކްޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ މަގްސަދަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާއި ސެކިއުރިޓީޒް ޤާނޫނާއި ގަވާއިދުތަކާއި ބެހޭގޮތުން ފަނޑިޔާރުންނަށް މައުލޫމާތު ދިނުމެވެ.
23 ފެބްރުއަރީ 2013 ގެ 09:15 ން 16:00 އަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގެ ސެޝަންތައް ބޭއްވުނީ ޑިޕާޓްމަންޓުގެ ޓްރޭނިންގ ރޫމްގައެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ކެޕިޓަލް މާރކެޓް ޑިވޮލެޕްމެންޓް އޮތޯރަޓީގެ އޮފިސަލުންނެވެ.

އުއްތަމަފަނޑިޔާރު ލ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން، ލ.ޕޮނަދޫގައި ފާހަގަ ކުރި ޤައުމީ ދުވަހުގެ އިޙްތިފާލް ތަކުގައި ބައިވެރިވެވަޑައިގަތުމަށް ހޯމް މިނިސްޓްރީ އިން ދެއްވި ދައުވަތަކަށް ލ.އަތޮޅަށް ވަޑައިގެން ލ.އަތޮޅުގެ ބައެއް ކޯޓުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.

12 ޖެނުއަރީ 2013 ގައި އުއްތަމަފަނޑިޔާރު ކުރެއްވި ދަތުރުފުޅުގައި ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓާއި، ލ.ގަން މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާ ބައްދަލު ކުރެއްވިއެވެ. ލ.ފޮނަދޫ މެޖިސްޓްޜޭޓް ކޯޓުގައި ބޭއްވުނު މިބައްދަލުވުމުގައި މެޖިސްޓްރޭޓުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުންނާއި، މައްސަލަތައް ދިގުލައިގެނދާންޖެހޭ ސަބަބުތަކާއި، އެމައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. (މެޖިސްޓްރޭޓުންނާއި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމަވަމުން ގެންދިއުމަށް އެދިވަޑައިގެން، އެކަމަށް ދެވެންއތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.)

މެޖިސްޓްރޭޓުން ވަނީ ޖިނާއީ މައްސަލަތައް ބެއްލެވުމުގައި، އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ނެތުމުގެ ބޮޑެތި ދަތިތަކާ ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ.
 
 އުއްތަމަފަނޑިޔާރު މިދަތުރުފުޅުގައި ލ.ގަން މެޖިސްޓްރޭޓް ކޯޓު/ މުކުރިމަގުއަވަށު ސެކްޝަން، ލ.ގަން މެޖިސްޓްރޭޓް ކޯޓު/ މަތިމަރަދޫ ސެކްޝަން، ލ.ގަން މެޖިސްޓްރޭޓް ކޯޓު/ ތުނޑީ އަވަށު ސެކްޝަން، ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓު، ލ.އިސްދޫ ކޯޓު، ލ.އިސްދޫކަލއިދޫ ކޯޓު އަދި ލ.މާބައިދޫ ކޯޓަށް ވަޑައިގެން އެކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ބައްދަލުކުރެއްވިއެވެ. އަދި ލ.މާބައިދޫގައާއި، ލ.ގަމުގައި އަލަށް ޢިމާރާތް ކުރަމުންދާ ކޯޓުގެ މަސައްކަތް ކުރިއަށްދާގޮތް އުއްތަމަފަނޑިޔާރު ބައްލަވާލެއްވިއެވެ.

ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި އަދި މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ "ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި އަދި މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ހުނަރު ދަސްކޮށްދިނުމުގެ" ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ޑިޕާޓްމަންޓް އަދި ކޯޓުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދީ މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގި މިކޯހުގައި ޑިޕާޓްމަންޓް އަދި މާލޭގެ ކޯޓުތަކުން ބޭފުޅުން ބައިވެރިވެވަޑިގެންނެވިއެވެ.

27 ޑިސެމްބަރ 2012 އިން 19 ޖެނުއަރީ 2013 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ މިކަމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ޚައްސަ ރަސްމީޔާތެއްގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިބްރާހިމް އަހުމަދު މަނިކެވެ.
 ކޯހުގައި ބައިވެރީންނަށް އިރުޝާދު ދެއްވީ އަލްފާޟިލް އިޔާޒް ޖާދުﷲ ނަސީމާއި އަލްފާޟިލް ޢަބްދުﷲ ނަޢީމް ޢިބްރާހިމެވެ. މިރަސްމީޔާތުގެ އަލްފާޟިލް އިޔާޒް ޖާދުﷲ ނަސީމާއި ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.